ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލާ ޚިލާފުވެފައިވާތީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް 100،000 ރުފިޔާއިން ޖޫރިމަނާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އަލްހިޖްރަ ގްރޫޕުގެ ހަވާލުގައި ޢުމްރާއަށް ދިޔަ 24 މީހަކު އަނބުރާ ނާދެވި މައްކާގައި ތާށިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ސަބަބާހުރެ، އެ ކުންފުންޏަށް ދޫކޮށްފައިވާ ޢުމްރާވެރިން ގެންދިއުމުގެ ހުއްދަ ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން، އެ ގްރޫޕުގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ. އަދި ހާލުގައި ޖެހުނު ޢުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމަށް ކުރެވުނު ޚަރަދު އަލްހިޖްރަ ގްރޫޕުގެ އަތުން ހޯދުމަށްވެސް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލަ ތަޙުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނަށް ހުށަހެޅުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މި ފިޔަވަޅުތައް ތަންފީޛުކުރުމަށް އިދާރީ އަދި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ލަސްނުކޮށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފައެވެ.



