ޖަލުގައި ތިބޭ އެއްވެސް ގައިދީއަކަށް ލިބެންޖެހޭ ޚިދުމަތެއް އުނިކޮށްފައެއް ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށްޓަކައި ބައެއްޓަކައި ބައެއް އުސޫލުތަކަށް ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް ނުވަތަ ޚިދުމަތެއް އުނިކޮށްފައެއް ނުވާނެއެވެ.
އިތުރަށް އެ ސާވިސްއިން ފާހަގަކުރި ގޮތުގައި، މާފުށީ ޖަލުގައި ތިބޭ ބައެއް ގައިދީން އެ ސާވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނަގައެވެ. އެހެންނަމަވެސް އެ މީހުން ވިޔަފާރި އުސޫލުން ގަނެފައިވާ ތަކެތި ބޭނުންކުރަމުންދާ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. މީގެ އިތުރުން، އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދު މީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާއެއް ދޭންޖެހިފައި ނުވާކަންވެސް ކަރެކްޝަނަލް ސާވިސްއިން ފާހަގަކޮށްފައިވެއެވެ.
ކަރެކްޝަންސްއިން މިހެން ބުނެފައި ވަނީ މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ ވާހަކަދައްކައި، އެ މީހުންގެ ހާލަތު މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަން ކަމަށެވެ.




