އިސްލާމީ ޝަރީޢަތާއި ވަޟްޢީ ޤާނޫނުގައި ބަޔާންކޮށްފައިވާ މަތިވެރި އަޚްލާޤުގެ ތެރެއިން އެންމެ މުހިންމު އެއް ސިފައަކީ ޢަހުދަށް ރައްކާތެރިވުން ކަމުގައި މިއަދު ހުކުރު ދުވަހުގެ ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ވަކިން ޚާއްޞަކޮށް އަލިއަޅުވާލާފައިވަނީ ވަޒީފާގެ މާޙައުލުގައި ޢަހުދަށް ރައްކާތެރިވުމުގެ މުހިންމުކަމަށެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން ވަޒީފާ ބަޔާނާ އެއްގޮތަށް ޢަމަލުކުރުމަކީ ބޮޑު އަމާނާތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ވެވޭ އެއްބަސްވުމެއް ނޫންކަމަށާއި، އެއީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިފޭ ޢަހުދެއްކަމަށް ވެސް ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ވަޒީފާގެ ވެށި ތަހުޒީބު އަދި އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެކެވެ. މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫއަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުކުރާ ކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.
އިންސާނީ ކަރާމަތާއި ޙައްޤުތަކުގެ މުހިންމުކަން ފާހަގަކުރަމުން، ޚުތުބާގައި ބުނެފައިވަނީ ކޮންމެ ވަޒީފާއެއްގައި ވެސް ޙައްޤުތަކާއި ވާޖިބުތަކެއް ހިމެނޭ ކަމަށް މިއަދުގެ ޚުތުބާގައި ފާހަގަކޮށް ބުނެފައި ވަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމާއި، މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދިނުމާއި، ޗުއްޓީއާއި ހުސްވަގުތު ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
މީގެއިތުރުން، ދައުލަތާއި ރައްޔިތުންގެ މުދަލާއި ޢާއްމު މިލްކިއްޔާތަށް ރައްކާތެރިވުމުގެ މުހިންމުކަން ފާހަގަކޮށް، މުއައްސަސާތަކުގެ މަޤާމުތަކަށް ޤާބިލު އަދި ތެދުވެރި މީހުން ހޮވުމުގެ މުހިންމުކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާ ނިންމާލަމުން ބުނެފައިވަނީ، އިންސާނާގެ ކަރާމަތާއި އަގު ހިފަހައްޓައިދޭ އަސާސަކީ މަތިވެރި އަޚްލާޤު ކަމަށާއި، ވަޒީފާއަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ފުރިހަމައަށް ދިނުމަކީ ޢާއިލާއާއި މުޖުތަމަޢުގެ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އިތުރުކުރުމަށް މުހިންމު ކަމެއް ކަމުގައެވެ.



