ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނު ސަބްސްޓޭޝަންގެ މައި ކޭބަލް ޓެސްޓުކޮށް، މިއަދު ހެނދުނަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވުމަށްފަހު، މިއަދު ހެނދުނު 6:00 ގައި މަސައްކަތް ފަށައި 7:35 އަށް ވަނީ ނިންމާލެވިފައެވެ.
އިއްޔެ ލަފާކުރެވުނު ގޮތާ ޚިލާފަށް މިއަދު މޫސުން ރަނގަޅުވުމާ ގުޅިގެން، ކަރަންޓު ކަނޑާލަން ޖެހުނު ސަރަހައްދު ވަރަށް ބޮޑަށް ކުޑަކުރެވުނެވެ. އެގޮތުން، މާލޭގެ 10 ސަރަހައްދަކުން ކަރަންޓު މެދުކަނޑާލަން ޖެހޭނެ ކަމަށް ކުރިން އަންދާޒާކުރެވުނު ނަމަވެސް، މާލޭގެ 2 ސަރަހައްދަކުން އެއް ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅަކަށް ކަރަންޓު މެދުކަނޑާލައިގެން މި މަސައްކަތް ނިންމާލެވުނު ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މިމަސައްކަތުގެ ތެރެއިން ދެން އޮތީ ފޭސް 2 ގައި ޤާއިމްކޮށްފައިވާ 11 ކޭވީ ނެޓްވޯކްގެ ކޭބަލްތައް ސަބްސްޓޭޝަނަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، މިކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ތައްޔާރީތައް ވުމަށްފަހު ކަސްޓަމަރުންނަށް އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.



