އިލެކްޝަން ކޮމިޝަނުން ހުޅުވާލި 32 ރަށެއްގެ، 37 އިންތިޚާބީ މަޤާމުގެ ތެރެއިން 25 މަޤާމު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
އީސީން ގެޒެޓުކުރި މައުލޫމާތަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އިންތިޚާބުން ޕީއެންސީ ކާމިޔާބު ކޮށްފައިވާ މަޤާމުތަކަށް އިތުރު ބަޔަކު ވާދަ ކޮށްފައެއް ނުވެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބު ކުރި މަޤާމުތަކުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަޤާމާއި، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު ކަމުގެ އިތުރުން ރ. ފައިނު ކައުންސިލްގެ ރައީސްގެ މަޤާމާއި ފ. ބިލެތްދޫ ކައުންސިލްގެ މެންބަރުކަން ހިމެނެއެވެ.
މީގެ އިތުރުން، 18 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަން ވެސް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ.
އެއީ:
° ހދ. ނައިވާދޫ
° ށ. ގޮއިދޫ
° ށ. ނޫމަރާ
° ށ. ނަރުދޫ
° ނ. ކުޑަފަރި
° ރ. ހުޅުދުއްފާރު
° ރ. އުނގޫފާރު
° ބ. ހިތާދޫ
° ބ. ފެހެންދޫ
° ބ. ދަރަވަންދޫ
° ކ. ހުރާ
° ވ. ފެލިދޫ
° މ. މުލި
° މ. މަޑުއްވަރީ
° ފ. ބިލެތްދޫ
° ލ. އިސްދޫ
° ގއ. ގެމަނަފުށި އަދި
° ގދ. ރަތަފަންދޫ އެވެ.
އަންނަ ފެބްރުއަރީ މަހުގެ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އިތުރު 11 ރަށެއްގެ މަޤާމުތަކަށް ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ.ހުޅުދެލި، ލ. ގަމު، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ހިމެނެއެވެ.


