ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި މާލެ ފެންބޮޑުވެ، ފެން ހިންދުމުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުން އެބަދެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރޭ ދަންވަރުން ފެށިގެން މާލެއަށް ވަނީ ވާރޭ ވެހިފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ބައެއް އިމާރާތްތަކަށް ވެސް ވަނީ ފެންވަދެފައެވެ.
އެހެންކަމުން އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށައި، އިމާރާތްތަކަށް އިތުރަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާވެސް ޖަހަން ފަށާފައެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މާލޭގެ ގިނަ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވެސްޓު ޕާކު ސަރަހައްދުގައި 5 ޕަންޕު، އައިޖީއެމްއެޗް ސަރަހައްދުގައި 2 ޕަންޕު އަދި ބޮޑުވަޅު ސަރަހައްދުގައި އެއް ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ. މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންއަންނަ ވިއްސާރާގައި މުޅި ރާއްޖެއަށްހެން ވިއްސާރަކުރާނެކަމަށް މޫސުމާވެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެގޮތުން މިހާރުވެސް ބ.އަތޮޅުންފެށިގެން ދ.އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިރޭ މެންދަނުން އަލިވެ 3:00އިން ފެށިގެން މާދަމާ ހެނދުނު 4:00އާ ހަމައަށް މިސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.



