މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަހުގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒް އާއި ބޯޑު ޑިރެކްޓަރުން ވަނީ އުކުޅަހަށް ގޮސްފައެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ.
މި ދަތުރުގައި އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން، އެރަށުގެ ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މަޤްޞަދަކީ ލޯކަލް ޓުއަރިޒަމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓޫރިޒަމަށް އިސްކަންދޭކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރްސީ އޮތީ އެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކަކާއެކުގައި މަސައްކަތް ކުރަން ތައްޔާރަށްކަން ހާމަކުރުން ކަމަށް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.




