މާލެސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރިއިރު އެ ސަރަހައްދުގައި ހުރި ސްޓޯމް ވޯޓަރ ޕަންޕުގެ ބައެއް ނަގާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ ކުރިން މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމަށް އެ ތަން ހުސްކުރުމުގެ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލޭންޑް ސްކޭޕިން ސޮލިއުޝަން ކިޔާ ބަޔަކާއެވެ.
އެ ސަރަހައްދަކީ ވާރޭ ވެހިގެން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދެވެ. އެގޮތުން މިދިޔަ ހަފްތާގައާއި ރޭ މެންމަދުވެސް އެ ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ މުއްތޮލިބު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލާއި އެ މަސައްކަތް ކުރި ކުންފުނިން ވެސް އެކަން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރި އިރު، މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުން ފެން ހިންދަން ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައިވާ ކަމަށާއި އެކަން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވާ ކަމަށާއި އެކަން ހައްލުކޮށް ޕަންޕު އަލުން ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



