ދަ ޑިމޮކްރެޓްސްގެ ރައިސްކަމުގެ މަގާމުން ހަސަން ލަތީފު އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ހަސަން ލަތީފު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އޭނާގެ އިސްތިއުފާ ސިޓީ ރޭގައި ފޮނުވާފައިވާނެ ކަމަށް ބައެއް ފަރާތްތަކަށް އޭނާވަނީ މައުލޫމާތު ދެއްވާފައެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން ލަތީފު އިސްތިއުފާ ދެއްވާފައިވާއިރު، އެޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ×އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، އެ ޕާޓީގެ ކައުންސިލު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ އިތުރުން އެ ޕާޓީގެ މެންބަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދާއި އެމްޑީޕީގައި ކުރިން އިސް ދައުރެއް އާދަކުރަމުން ދިޔަ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއަށް ވަޑައިގެންފައެވެ.
އަމްރު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަން އެޕާޓީން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އަދި ދެންތިބި ތިން މެންބަރުން ވެސް އިއްޔެ އެމްޑީޕީއަށް ސޮއި ކުރައްވާފައިވާކަން އެކި މަސްދަރުތަކުން ވަނީ ޔަގީންވެފައެވެ.
ބައެއް ފަރާތްތަކުން އެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހަތަރު ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންފައިވާކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެއެވެ. އަދި އެބޭފުޅުން ޕާޓީ ބަދަލުކުރައްވަން ނިންމެވީ، ސިޔާސީ ހަރަކާތްތަލުގައި ރަނގަޅު ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަން ކަމުގައިވެސް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.



