ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޔޫރަޕްގެ ޤައުމެއްކަމަށްވާ އެސްޓޯނިއާ އަށް ފުރާވަޑައިގަތުމަށް ހަމަޖައްސަވައިފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރަޢީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިދަތުރުފުޅުގައި ރައީސް މުޢިއްޒު އެ ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށެވެ.
މިއީ ރައީސް މުޢިއްޒު ޔޫރަޕްގެ ޤައުމަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އެސްޓޯނިއާ އަށް ރާއްޖޭގެ ރައީސަކު ދަތުރުކުރައްވާ ވެސް ފުރަތަމަ ފަހަރެވެ.
ރައީސްގެ ދަތުރުފުޅުގައި ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށާއި އެ މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނެންސްގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މިދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އާއި އެކިއެކި މިނިސްޓަރުންނާ ވެސް ރައީސް މުޢިއްޒު ބައްދަލު ކުރައްވާނެއެވެ. އަދި އެ ޤައުމުގެ ބައެއް މުހިންމު ތަންތަނަށް ވެސް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.



