މާފަންނު ސަހަރާގައި ބަހައްޓާފައިހުރި ސްޓޯމް ވޯޓާ ސްޓޭޝަނަށް ލިބިފައިވާ ގެއްލުން ހައްލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޯމް ވޯޓަރ ޕަންޕް ސްޓޭޝަނަށް ލިބިފައިވާ ގެއްލުން އެ ކޯޕަރޭޝަނާއި، މާލެސިޓީ ކައުންސިލު އަދި ސްޓެލްކޯއިން ގުޅިގެން ރަނގަޅުކޮށް، ބޭނުންކުރެވޭ ހަލަތައް ގެނެސްފައިވާ ކަމަށެވެ.
މާލެސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރިއިރު އެ ސަރަހައްދުގައި ހުރި ސްޓޯމް ވޯޓަރ ޕަންޕުގެ ބައެއް ނަގާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ މިއަދު ވިދާޅުވެފައެވެ.
ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމަށް އެ ތަން ހުސްކުރުމުގެ މަސައްކަތް ކޮށްފައެވެ. އެ ސަރަހައްދަކީ ވާރޭ ވެހިގެން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދު ކަމަށްވާއިރު މިކަމުގެ ސަބަބުން މިދިޔަ ހަފްތާގައާއި ރޭ މެންމަދުވެސް އެ ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ މުއްތޮލިބު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލާއި އެ މަސައްކަތް ކުރި ކުންފުނިން ވެސް އެކަން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރި އިރު، މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުން ފެން ހިންދަން ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ނަގާފައިވާ ކަމަށާއި އެކަން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



