އިޒްރޭލުގެ ޔަހޫދީ ސިފައިން އަނެއްކާވެސް ޣައްޒާއަށް ހަމަލާތަކެއްދީ، އެތައް ބަޔަކު އިއްޔެ މަރާލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ބުރީޖާއި ނުސޭރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ސިއްހީ ޚިދުމަތްދޭ ބަޔަކާއި އިތުރު އަށް މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ކުރިން ޖަބާލިއާގައި ސްކޫލެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ އިމާރާތަކަށް ވެސް ބޮމުގެ ހަމަލާތަކެއްދީ އެތަނުންވެސް އަށް މީހަކު މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލާފައިވެއެވެ.
އިޒްރޭލު ސިފައިން މިހަމަލާތައް ދެމުންގެންދާއިރު، ހަނގުރާމަ ހުއްޓާލައި ސުލްޙަވެރި އެއްބަސްވުމަކަށް ދިޔުމަށް އެއްބާރުލުންދޭކަން ދެއްކުމަށްޓަކައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެޤައުމުގެ އިސްވެރިންތަކެއް ދުބާއީގެ ދޯހާއަށް ފޮނުވާފައެވެ. އެގޮތުން އިޒްރޭލުން ފޮނުވި ވަފުދުގައި މޮސާދް އެންޑް ބެޓް ސެކިއުރިޓީގެ އިސްވެރިންތަކެއް ވެސް ހިމެނޭ ކަމަށާއި ދެ ޤައުމުން ވެސް ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްލުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މަޝްވަރާތަކުގައި އެއްބާރުލުން ދޭނެ ކަމަށް އިޒްރޭލުން އެންމެފަހުން ބުނެފައިވާއިރު އެ ޤައުމުގެ ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޣައްޒާގެ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް ކާބޯތަކެތި ލިބުން ހުއްޓުވައި، ބޭސްފަރުވާގެ ނިޒާމުވެސް މެދުކަނޑާލުމުގެ އިތުރުން މިހާރު އެ ސިފައިން ދަނީ ފަލަސްތީނުގައި ހުރި ޒައިތޫނި ގަސްތައް ވެސް ކަނޑަމުންނެވެ.




