ކެލިފޯނިއާ، ލޮސް އެންޖަލަސްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ހޮލީވުޑްގެ އެތައް ތަރިންގެ ގެތައް އަނދައި ހުލިވެއްޖެއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި އަލިފާނުގެ ހާދިސާގައި، ހޮލީވުޑްގެ ތަރިން ކަމުގައިވާ ބިލީ ކްރިސްޓަލް، ޖެފް ބްރިޖަސް، މޭންޑީ މޫއަރ، ޕެރިސް ހިލްޓަން އަދި އާރް އެންޑް ބީގެ ތަރި ޖީން އައިކޯގެ ގެ ވަނީ އެއްކޮށް އަނދާފައެވެ.
ހޮލީވުޑަށްވެސް ފެތުރުނު މި އަލިފާންގަނޑުގެ ސަބަބުން މި ހަފްތާ ބަންދުގައި ބޭއްވުމަށް ތާވަލުކުރި ތިން އެވާޑު ޚަފްލާއެއް މިހާރު ވަނީ ފަސްކޮށްފައެވެ. އަދި އެންމެ ޝަރަފުވެރި އެއް އެވޯޑު ޚަފްލާ ކަމުގައިވާ އޮސްކާ އެވޯޑު ބޭއްވުން ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހާދިސާގެ ސަބަބުން އެތައް ހާސް އިމާރާތެއް ވަނީ ހަލާކުވެގެން ގޮސްފައެވެ. ނަމަވެސް ހަލާކުވި އިމާރާތްތަކުގެ ސީދާ އަދަދު އަދި ހޯދޭނީ ފަހުން ކަމަށާއި މިހާރުވެސް 180،000 އަށްވުރެ ގިނަ މީހުން އެމީހުން ދިރިއުޅޭ ސަރަހައްދުތަކުން ނިކުމެ އެހެންތަނަކަށް ބަދަލުވުމަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ގިނަ ތަރިންތަކެއް ދިރިއުޅެމުންދާ މެލްރޯޒް ޕްލޭސާއި ބެވަލީ ހިލްސްގައި ވެސް ވަނީ ހުޅުހިފައި އެތައް ބަޔަކު އެމީހުން ދިރިއުޅޭ ގެތަކުން ނިކުންނަން ޖެހިފައެވެ. އަދި މިލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދިނުމަށް އެފަރާތްތަށް ގޮވާލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.



