މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު 2.33 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފިއެވެ.
މީރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަދަދަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %4.7 އިތުރު އަދަދެއް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %20.1 އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެއެވެ.
ޓެކުހާބެހޭ އިދާރާ މީރާއިން އިތުރަށް ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވާ އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަސް ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.7 އިތުރަށް ފަތުރުވެރިން ޒިޔާރަތް ކުރުމުގެ ސަބަބުން އެ ދާއިރާއާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމަކީ ވެސް އެމަހުގެ އާމްދަނީ އިތުރުވި ސަބަބެއް ކަމުގައި މީރާއިން ބުނެފައިވެއެވެ.
މީރާއިން އިތުރަށް ބުނީ، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު އެއްސަބަބަކީ ގްރީން ޓެކުހާއި، ވޯކް ޕާމިޓު ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ބިދޭސީންގެ ކޯޓާ ފީ، އަދި ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުން ލިބުނު ޖީއެސްޓީއިން އާމްދަނީ އިތުރުވުން ކަމަށެވެ. އަދި މީގެ އިތުރުން 2024 ޑިސެމްބަރުގައި ލިބިފައިވާ އާމްދަނީގެ %17.5 އަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީ ކަމުގައި ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.




