މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މި ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް 69،553 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތައް ބަލާއިރު %10 އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 63،156 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ރާއްޖެއަށް 8،090 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ކޮންމެ ދުވަހަކުވެސް 5،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ފަސް ޤައުމަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ޤައުމުން 11،367 ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓްލީންނެވެ. އިޓަލީން މިހާތަނަށް 8،499 ފަތުރުވެރިން އައިސްފައިވެއެވެ.
ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިހާތަނަށް އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން މިހާތަނަށް 5،537 ފަތުރުވެރިން އައިސްފައިވެއެވެ. އެއާއެކު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުންނެވެ. އެ ޤައުމުން 4،369 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާ އިންނެވެ. އެ ޤައުމުން މިއަހަރުގެ މިހާތަނަށް 3،241 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.


