ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހުކުރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވި ހަސަން ލަތީފު މިއަދު އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ހަސަން ލަތީފުގެ މެންބަރޝިޕް ފޯމުވެސް މިހާރު އެމްޑީޕީއަށް ހުށަހަޅާފައިވާއިރު، އެ ޕާޓީއިން މިހާރު ވަނީ އޭނާއަށާއި ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެން އިއްޔެ އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންނެވި މުޙައްމަދު ޝިފާޒްއަށް މަރުހަބާ ކިޔާފައެވެ.
ހަސަން ލަތީފުއާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ކައުންސިލު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާއި، އެ ޕާޓީގެ މެންބަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދުގެ އިތުރުން އެމްޑީޕީގައި ކުރިން އިސް ދައުރެއް އާދަކުރަމުން ދިޔަ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ.
ބައެއް ފަރާތްތަކުން އެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހަތަރު ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންފައިވާކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެއެވެ. އަދި އެބޭފުޅުން ޕާޓީ ބަދަލުކުރައްވަން ނިންމެވީ، ސިޔާސީ ހަރަކާތްތަލުގައި ރަނގަޅު ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަން ކަމުގައިވެސް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.



