ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ ހ. ކަފުރުތޮޅިގޭ، އުމުރުން 32 އަހަރުގެ ޢަލީ އަމީނެވެ.
މި މަހުގެ 7 ވަނަ ދުވަހު ފުލުހުން ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަނެއްގައި އަމީން ހައްޔަރުކޮށްފައި ވަނީ، ފެޑްއެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފެހެއްޓުމާ ގުޅިގެންނެވެ.
ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، އަމީން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 213 ގްރާމުގެ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އަމީނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލައިގެ އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދަމުންނެވެ.


