ޢުމްރާގެ މަތިވެރި އަޅުކަން ކުރަން ދިޔަ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކަށް ނިއުމޯނިއާ ޖެހިގެން މައްކާގެ ނޫރު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެމީހާ ގާތު މިވަގުތު އޭނާގެ އާއިލާ މީހަކު ނެތް ކަމަށާއި ނަމަވެސް މާދަމާ އޭނާގެ ދަރިއެއް އޭނާ ގާތަށް މައްކާއަށް ދާނެ ކަމަށެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ އެމީހާ ޢުމްރާއަށް ގެންދިޔަ ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅަށް އަޅާލާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެމީހާގެ ހާލު ވަރަށް ގާތުން ބައްލަވާ ކަމަށާއި އެމީހާގެ ދަރިފުޅާވެސް ވާހަކަ ދައްކާފައިވާނެ ކަމަށެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު ރާއްޖެއިން ގިނަ އަދަދެއްގެ މީހުން ޢުމްރާގެ އަޅުކަމަށް މައްކާއަށް ދިޔައެވެ. އެގޮތުން 6300 އަށްވުރެ ގިނަ މީހުން މިދިޔަ ޑިސެމްބަރު މަހުގެ ޢުމްރާއަށް ދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.



