ޓެކްނޮލޮޖީ ދާއިރާއަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ވެރިއަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކިނާނަތު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި ރައީސް މުޢިއްޒު ޓެކްނޮލޮޖީގެ ވާހަކަ އަބަދުވެސް ފާހަގަކުރައްވާ ކަމަށެވެ.
”ރައީސްގެ މެނިފެސްޓޯގައި ވަރަށް ގިނަ ޓެކްނޮލޮޖީ ބައިތައް ހިމެނިފައިވޭ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ކަމެއް ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަށް,“ ކިނާނަތު ވިދާޅުވިއެވެ.
ކިނާނަތު އިތުރަށް ވިދާޅުވީ އެންސީއައިޓީގެ ފަރާތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، މި ޕްލޭން އެލައިންވެފައިވަނީ ރައީސްގެ މެނިފެސްޓޯއާއި އެކިއެކި ފޯރަމްތަކުގައި ޓެކްނޮލޮޖީއާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކާ އެއްގޮތަށް ކަމަށެވެ.
ރައީސް މުޢިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅަކީ ޓެކްނޮލޮޖީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ކިނާނަތު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސްގެ އިތުރުން މޫސުމީ ބަދަލު، ތިމާވެށި އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.



