ވިޔަފާރި ނުހިނގާތީ މާލޭގައި ހިންގި ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދުކޮށްފިއެވެ.
ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދު ކޮށްފައި މިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން، އިޒްރޭލަށް ފަންޑު ކުރާ ދެތަން ކަމަށް ބުނެ އެ ދެތަން ވެސް ބޯއިކޮޓް ކުރަން ގޮވާލާފައި ވަނިކޮށެވެ. އެކަމަށް ގޮވާލައި މީގެކުރިން މާލޭގައި ވަނީ ސިލްސިލާކޮށް މުޒާހަރާތަކެއް ވެސް ކޮށްފައެވެ.
މާލޭގައި ހިންގާ ކޭއެފްސީ އާއި ޕިއްޒާހަޓް ބަންދު ކޮށްފައިވާއިރު، ހުޅުމާލޭގައި ހިންގާ އެދެތަނުގެ އައުޓްލެޓުވެސް ވަނީ ވިޔަފާރި ނުހިނގާތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަންދުކޮށްފައެވެ. ނަމަވެސް އެތަންތަނުން އަދިވެސް ޑެލިވަރީ އޯޑަރުތައް ނަގާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދު ކުރަން ގޮވާލައި މުޒާހަރާ ކޮށްފައިވާއިރު، މީގެ ކުރިން ވަނީ އެތަނުގެ ބިއްލޫރިގަނޑަށް ކަޅުތެޔޮ ޖަހައި، ބިއްލޫރުގަނޑަށް ތަޅާލައި ގެއްލުންތަކެއް ވެސް ދީފައެވެ.
މާލެއާއި ހުޅުމާލޭގައި ހިންގާ ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދު ކޮށްފައިވާއިރު، މެލޭޝިއާގައި ވެސް އެތަންތަން ބޯއިކޮޓް ކުރުމަށް އެ ޤައުމުގެ ރައްޔިތުން ގޮވާލައި މުޒާހަރާ ކުރުމުން، ވިޔަފާރި ދަށްވެ އެތަންތަން ވަނީ ބަންދު ކޮށްފައެވެ.



