ހުޅުމާލެ ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް، އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 6 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 14 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިއޮޕަރޭޝަންގެ ތެރެއިން ސައްހަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 6 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ހައްޔަރުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިފަދަ ރެއިޑް އޮޕަރޭޝަންތައް ކުރިއަށްގެންދާއިރު، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި 5،000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާއެވެ.



