މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މިކަމާ ގުޅިގެން މެޓް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެކޮޅިގަނޑު ހުޅަނގަށްޖެހި އޭގެ އަސަރު މާދަމާއިން ފެށިގެން ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކޮޅިގަނޑުގެ ސަބަބުން މިމަހުގެ 13 އިން ފެށިގެން 18 އާ ހަމައަށް ރާއްޖެއަށް މޫސްން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދީ، މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ނުހޯދައި ކަނޑުދަތުރު ނުކުރުމަށް ވެސް އެ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.




