ރ. އަލިފުށްޓާއި އެ އަތޮޅު މީދޫގައި ސިހުރު ހެދުމުގެ މައްސަލަތަކެއް ހުރި ކަމަށް ބެލެވޭތީ، އެ ދެ ރަށުގެ ބައެއް ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާ އާއި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ، އެ ދެ ރަށުގައި ސިހުރު ހަދާ ކަމަށް ރިޕޯޓު ކޮށްފައިވާތީ، އެކަމާ ގުޅޭ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެ ރަށުގެ ރައްޔިތުން ވަނީ މީސްމީޑިއާގައި އެކަމަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ ކުރިން ވެސް ސިހުރުގެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް، ގެތައް ބަލައި ފާސްކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ހުސްވި އަހަރުގެ ތެރޭގައި ށ.ކަނޑިތީމު އަދި ށ.ފުނަދޫގައި ވެސް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެރަށްރަށުގެ ގެތަކެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ހޯދާފައެވެ.




