ހުޅުމާލޭގައި މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ދަޢުވާ އުފުލުނު އިބްރާހިމް އިކްރާމް 3 މަސް ދުވަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ހުސްވި އަހަރުގެ ޖުލައި 31 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އިކްރާމް ދުއްވަމުންދިޔަ ރޭސް ކާރު ކޮންޓްރޯލް ގެއްލި، މަގުމަތީގައި ހުއްޓިފައި އޮތް ސައިކަލެއްގައި ޖެހި، އެ ސައިކަލުގައި އިން ފަރާތަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
އެކްސިޑެންޓް ވީވަގުތު އިކްރާމާއެކު ކާރުގައި އިތުރު ދެ މީހަކު ތިބިއިރު، އެކްސިޑެންޓް ވުމުން އެ ދެމީހުން ފިލައިގެން ދިޔައެވެ.
މި މައްސަލައިގައި އިކްރާމްގެ މައްޗަށް ދައުލަތުން 6 ދަޢުވާއެއް އުފުލާފައިވެއެވެ. އޭނާ ވަނީ މި ދަޢުވާތަކަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހިމެނެނީ އަނިޔާ ދިނުމުގެ ކުށް، ފަރުވާލެއް ނެތި ކުރާ ޢަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރު ކުރިމަތިކުރުވުމުގެ ކުށް، މުދަލަށް ގެއްލުން ދިނުމުގެ ކުށް، އެކްސިޑެންޓް ވުމުން ރިޕޯޓު ނުކުރުމުގެ ކުށް، އަދި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ނުދިނުމުގެ ކުށެވެ.
މިއަދުގެ ޝަރީޢަތުގައި ދައުލަތުގެ ވަކީލާއި އިކްރާމް ހާމަކުރި ގޮތުގައި، އެކްސިޑެންޓްގައި އަނިޔާވި ފަރާތުގެ ފަރުވާއަށް އިކްރާމްގެ ފަރާތުން މިހާތަނަށް ގާތްގަނޑަކަށް 118،000 ރުފިޔާ ވަނީ ދައްކާފައެވެ.
މިއާއިއެކު ކޯޓުން އޭނާގެ މައްޗަށް3 މަސް ދުވަހުގެ ޖަލު ޙުކުމަކާއިއެކު، 70،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.



