ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެފްކޮމް ކާގޯއާ ގުޅިގެން ޗާޓަޑް ޝެޑިއުލްޑް ކާގޯ ޚިދުމަތް ފަށައިފިއެވެ.
މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ނޫސްބަޔާނެއްގައި މިކަން އިއުލާނުކޮށް ބުނެފައި ވަނީ މި ޚިދުމަތުގެ ދަށުން އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓް އިންޑިއާގެ ޗެންނައިއިން ފުރައިގެން އައިސް 20 ޓަނުގެ ކާގޯ ވީއައިއޭ އަށް އެތެރެކޮށްފައިވާ ކަމަށެވެ. އަދި މި ކާގޯ އެކްސްޕޯޓްކޮށްފައިވަނީ އެތިހާދު އެއާވޭސްގެ ފްލައިޓެއް މެދުވެރިކޮށް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެފްކޮމް ކާގޯއިން ހަފްތާއަކު 3 ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. މީގެ އިތުރުން، ވީއައިއޭ މެދުވެރިކޮށް ކާގޯ މޫވްމަންޓް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބޮޑެތި އެއާލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް އެފްކޮމް އެއާލައިންސްއިން ކުރަމުންދާކަންއެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެމްއޭސީއެލްގެ ފަރާތުން ބުނެފައިވާ ގޮތުގައި މި އައު ޚިދުމަތާއެކު ވީއައިއޭއިން ދެމުންދާ ކާގޯ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. އަދި ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން ދަނީ އަބަދުވެސް މަސައްކަތް ކުރަމުނެވެ.




