ރާއްޖޭގައި ޤާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ތަކުގައި ކުރެވިދާނެ އިޤްތިޞާދީ ޙަރަކާތްތަކާއި، މިފަދަ ޒޯނެއްގައި ހިމެނެންޖެހޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ދަށް މިންވަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ޤަރާރުގައި މިކަން ކަނޑައަޅުއްވާ ބަޔާންކޮށްފައިވާއިރު، މި ޤަރާރުގެ ދަށުން، އެސް.އީ.ޒެޑް އެއްގައި ހިންގޭނެ އިޤްތިޞާދީ ޙަރަކާތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި، 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އަގުގެ އިންވެސްޓްމަންޓް ހިމެނޭ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީގެ މަޝްރޫޢުތަކެވެ.
މުހިންމު އިންވެސްޓްމަންޓްތަކުގެ ތެރެއިން، މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭގޮތަށް ޤާއިމުކުރެވޭ މަޝްރޫޢުތަކުގެ ދާއިރާގެ ގޮތުގައި 9 ބާވަތެއްގެ އިންވެސްޓްމަންޓް ވެސް ކަނޑައަޅާފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ:
1. އެކްސްޕޯޓަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި މެނުފެކްޗަރިންގ މަސައްކަތްތައް
2. ޓްރާންސްޝިޕްމަންޓް ބަނދަރު، ބައިނަލްއަޤްވާމީ ލޮޖިސްޓިކްސް، ބަނދަރު، ވައިގެ ބަނދަރު، ބަލްކް ބްރޭކިންގ، ބަންކަރިންގ އަދި ޑޮކިންގ ޚިދުމަތްތައް
3. ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ޚާއްޞަ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލް، ބައިނަލްއަޤްވާމީ ފެންވަރުގެ ދިރާސާ އަދި ތަރައްޤީގެ މަރުކަޒުތައް
4. ދުނިޔޭގެ ފެންވަރުގެ އައި.ސީ.ޓީ ޕާކް އަދި އައި.ސީ.ޓީއާ ގުޅުންހުރި ވަސީލަތްތައް
5. ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކާއި ބައިނަލްއަޤްވާމީ ވިޔަފާރި މަރުކަޒުތައް
6. އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ
7. ރާއްޖެއަށް އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް ހިންގޭ މަސައްކަތްތައް
8. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާ
9. ގޭސް އުފެއްދުމުގެ މަސައްކަތްތައް
މީގެއިތުރުން، 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އަގުގެ އިންވެސްޓްމަންޓް ހިމެނޭ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީގެ މަޝްރޫޢުތަކުގައި، މި 500 މިލިއަން ޑޮލަރު ހޭދަކުރަންވާނީ ހަމައެކަނި ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީގެ ބައިތަކަށް ކަމަށްވެސް މި ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.




