އެމެރިކާގެ ލޮސް އެންޖެލެސްގައި ފެތެރުމެންދާ އަލިފާނުގެ ކާރިސާގައި، ހޮލީވުޑްގެ 19 ތަރިންގެ ގެތައް އަނދާ އަޅިއަށް ވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ލޮސް އެންޖެލެސް އަކީ އެމެރިކާގެ އެންޓަޓައިންމެންޓް ހަބް ކަމަށްވާ ހޮލީވުޑް ހިންގަމުން އަންނަ ސިޓީއެވެ. މި ސިޓީ އަކީ ހޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ދިރިއުޅެމުން އަންނަ ތަނެކެވެ.
އޭގެ ތެރެއިން އެއް ތަރިއަކީ 76 އަހަރުގެ ކޮމީޑިއަން ބިލީ ކްރިސްޓަލް އެވެ. އޭނާ އަކީ 1980 ވަނަ އަހަރުގެ މަޝްހޫރު ފިލްމް ”ވެން ހެރީ މެޓް ސެލީ“ ގެ ލީޑް އެކްޓަރެވެ. ލޮސް އެންޖެލެސްގެ އަލިފާނުގައިގައި އޭނާގެ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ގެވެސް ވަނީ އަނދާ އަޅިއަށް ވެފައެވެ.
މީގެ އިތުރުން މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަންގެ 8.4 މިލިއަން ޑޮލަރުގެ އަގޮބޮޑު މެންޝަންވެސް ވަނީ އަލިފާނުގެ ކާރިސާގައި އެއްކޮށް އަނދާ އަޅިއަށް ވެފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ޕެރިސް ހިލްޓަން ބުނީ އޭނާގެ ހިތް ކުދިކުދިވެފައިވާ ކަމަށެވެ. ޕެރިސް ބުނި ގޮތުގައި އެ ގެޔަކީ ހަމަ އެކަނި ދިރިއުޅެމުން ދިޔަ ހަތަރު ފާރު އެކަންޔެއް ނޫން ކަމަށާއި، އެގޭގައި އޭނާގެ އާއިލާއާއިއެކު އެތައް އުފާވެރި ވަގުތު ތަކެއް ހޭދަކޮށްފައިވާ ކަމަށާއި، އެ ހުރިހާ ހަނދާން ތަކެއް އަލިފާނާއިއެކު އަނދާ އަޅިއަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އެންތަނީ ހޮޕްކިންސް، މޭންޑީ މޫރ، އެޑަމް ބްރޯޑީ ގެތައް ހިމެނޭ ގޮތަށް ލޮސް އެންޖެލެސް އަލިފާނު ކާރިސާގައި 19 ހޮލީވުޑް ތަރިންގެ ގެ ވަނީ އެއްކޮށް އަނދާ އަޅިއަށްވެފައެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ލޮސް އެންޖެލެސްގައި ފެތުރެން ފެށި އަލިފާންގަނޑުގައި މިހާތަނަށް 10 މީހުން މަރުވެ، އެތައް ހާސް އިމާރާތެއް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައެވެ. ވައި ގަދަ ވުމުގެ ސަބަބުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމަށް ދަތިވެފައިވާ ކަމަށް ފަޔަރ ފައިޓަރުން ބުނެފައިވެއެވެ.
އަލިފާންގަނޑު ފެތެރިފައިވާ ސަރަހައްދުން އެއްލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އަލިފާނުގެ ކާރިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ އަދަދު 8 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.



