މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2024 ވަނަ އަހަރު ނިންމާލީ އަމިއްލަ ޖެޓް މޫވްމަންޓްތަކާއެކު ލަގްޒަރީ ދަތުރުތައް އިތުރުވެގެންކަމަށް ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އެކުންފުނިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ހިންގާ މި އެއާޕޯޓު ރަންވޭ ފުޅާކުރުމުގެ މަޝްރޫޢަކަށް ޖޫން މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، 2024 ވަނަ އަހަރު ނިމުނުއިރު ފާހަގަކޮށްލެވޭ އަދަދަކަށް މަތިންދާބޯޓު ދަތުރުކޮށްފައިވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އެއާޕޯޓްސް، މުމްތާޒް އަލީ ވިދާޅުވީ ޑިސެމްބަރު 2024 ގައި އެއާޕޯޓުން 98 ޕްރައިވެޓް ޖެޓް މޫވްމަންޓް ރެކޯޑުކޮށްފައިވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަށް ލަގްޒަރީ ދަތުރުވެރިންނަށް ގޭޓްވޭއެއްގެ ގޮތުގައި އެއާޕޯޓުގެ މުހިންމުކަން ފާހަގަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަހަރީ ޕާފޯމަންސްއާއި ޑިސެމްބަރު މަހުގެ އަދަދުތަކުން އެއާޕޯޓުގެ މަޤާމު ލީޑިންގ ލަގްޒަރީ އޭވިއޭޝަން ހަބެއްގެ ގޮތުގައި އިތުރުވަމުން އަންނަކަން ހާމަވެގެންދޭ،“ މުމްތާޒް އަލީ ވިދާޅުވިއެވެ.
ނޫނޫ އަތޮޅުގެ މަޝްހޫރު ލަގްޒަރީ ރިސޯޓުތަކަށް ފަސޭހައިން ވާސިލުވުމަށް މި އެއާޕޯޓުން މަގުފަހިކޮށްދޭއިރު ނެޓްވާރތް ބޮޑު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން މުޅި އަހަރު ދުވަހު އެއާޕޯޓުން ދައްކުވައިދީފައިވާ ކަމަށް ވެސް މުމްތާޒް ވިދާޅުވިއެވެ.
މީގެއިތުރުން، ޕީކް ހޮލިޑޭ ސީޒަންގެ ކުރިން ނިންމާލެވުނު ރަންވޭ ފުޅާކުރުމުގެ މަޝްރޫޢުއާއެކު، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންގޮސްފައިވާކަން ފާހަގަކޮށް މުމްތާޒް އަލީ ވިދާޅުވީ މާފަރު އެއާޕޯޓުގެ ސްޓްރެޓެޖިކް ލޮކޭޝަންގެ ސަބަބުން ގިނަ ދަތުރުވެރިން ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
”ގްރޫޕް ޓްރާންސްޕޯޓޭޝަން ފަދަ އިތުރު ޚިދުމަތްތައް ތަޢާރަފުކޮށްފައިވާއިރު، އޭޕްރަންގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށް. އަޅުގަނޑުމެންގެ އެއާޕޯޓަށް ފުރިހަމަ ބަދަލެއް ގެނައުމަށް ހަމަޖެހިފައިވަނީ އަޅުގަނޑުމެންގެ ފަސިންޖަރުންގެ ބޭނުންތައް ރަނގަޅަށް ފުއްދައިދިނުމުގެ ބޭނުމުގައި،“ މުމްތާޒް އަލީ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރާއްޖެއަކީ ބޮޑު ހަރަދުކޮށްގެން ވެސް ފަތުރުވެރިން އަންނަން ބޭނުންވާފަދަ ގައުމެއްކަން ހާމަކޮށް އެކުންފުނިން ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމުގެ ސްޓްރެޓެޖީތައް ކުރިއެރުވުމުގައި ކޮންމެހެން ބޭނުންތެރި އެއާޕޯޓެއް ކަމަށެވެ.
ހަމައެއާއެކު، މާފަރު އެއާޕޯޓުގެ ކުރިއެރުމާއެކު، ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި ޚާއްޞަކޮށް ނޫނޫ އަތޮޅުގެ ރިސޯޓުތަކަށް އަންނަ މުއްސަނދި ފަތުރުވެރިންނަށް ފަސޭހަ އަދި ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރިއެވެ.



