ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ކުރިމަތިވެދާނެ ޙާލަތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޓީމުން ވެސް ތައްޔާރުވެއްޖެއެވެ.
އެމް.ޕީ.އެލްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކުރިމަތިވެދާނެ ޙާލަތަކަށް އެމް.ޕީ.އެލްގެ ޓީމުން ވެސް ތައްޔާރުވެފައިވާ ކަމަށެވެ.
އެމް.ޕީ.އެލްގެ އިތުރުން، ސަރުކާރުގެ އެހެނިހެން އިދާރާތަކުންވެސް ވަނީ މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތަކުން ރައްޔިތުން ރައްކާތެރި ކުރުމަށް ތައްޔާރުވެފައެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލައްވާފައެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.
ޓާސްކް ފޯހުގެ ޖޮއިންޓް އޮޕަރޭޝަން މަރުކަޒު ވަނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ޤާއިމްކޮށްފައެވެ.
މިކަމާއި ގުޅޭ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ސިފައިން ތައްޔާރަށް ތިބި ކަމަށާއި މާލޭގައި ވެލި ބަސްތާ ޖެހުމާއި، ޕަންޕް ސްޓޭޝަންތައް ބޭނުންކުރުމަށް ސިފައިން ތިބީ މާލެ އާއި އަތޮޅު ތެރޭގައި ތައްޔާރަށް ކަމަށެވެ.
މީގެއިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވި ގޮތުގައި މޫސުން ގޯސްވާ މި ދަނޑިވަޅުގައި ސިފައިންނެކޭ އެއްފަދައިން ފުލުހުންވެސް ތިބީ މާލެއާއި އަތޮޅުތެރޭގައި ތައްޔާރަށެވެ. އަދި ޕޮލިސް ޕޯސްޓްތައް ޤާއިމުކުރެވިފައި ނުވާ ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ޚިދުމަތްތައް ތަރުތީބުކޮށްފައިވާކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
ސަރުކާރުންނާއި އިދާރާތަކުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، އެއިދާރާތަކުން ވަނީ މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު އެޅުމަށް ހުރިހާ ރައްޔިތުންނަށް ވެސް ގޮވާލާފައެވެ.



