މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދަރިއެއްފަދަ ޕާޓީއެއް ކަމަށާއި، އެ ޕާޓީ ވަރުގަދަވެ އޮތުމަކީ އެދޭ ކަމެއް ކަމުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިފާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތުގައި ކަމަށެވެ.
ޤައުމެއްގެ ތަރައްޤީއަށާއި ރައްޔިތުންގެ ތަނަވަސްކަމަށް އެންމެ ބޭނުންވާ ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ކަމުގައި ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، ސަރުކާރުގެ އާމްދަނީ އިތުރުވެ، އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތްތަކާއި ރައްޔިތުންނަށް ހޯދައިދެވުނު އިޖުތިމާއީ ރައްކާތެރިކަމަކީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ދައްކުވައިދޭ ކަންކަން ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އެމްޑީޕީ އަކީ އަޅުގަނޑުގެ ދަރިއެއްފަދަ ޕާޓީއެއް. އެޕާޓީ ވަރުގަދަވެ އޮތުން އެއީ އަޅުގަނޑު އެދޭނެ ކަމެއް. އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެޓްސް އަކީ ޚާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް“ ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން، ފަހުން އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ޑިމޮކްރެޓްސް ޕާޓީއަކީ ޚާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމުގައި ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތެއް ކުރައްވާކަށް ނެތްކަން ހާމަކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުން ދުރުވާކަށް އެމަނިކުފާޅު ނޫޅޭ ކަމަށެވެ.
ރައީސް ނަޝީދުގެ މިހެން ވިދާޅުވެފައި ވަނީ ޑިމޮކްރެޓްސްގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ދިމާކޮށެވެ. މީގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި، ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު ޝިފާޒްގެ އިތުރުން ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި އެހެން ބައެއް ބޭފުޅުން ހިމެނެއެވެ.
މި ކަންތައްތަކާ ގުޅިގެން ޑިމޮކްރެޓްސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ބުނެފައިވެއެވެ.



