މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްއިން އެލްޕީޖީ 45 ކިލޯގެ ސިލިންޑަރުތަކުގެ އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވް ގޭސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން 45 ކިލޯގެ ސިލިންޑަރު އަލުން ފުރުމުގެ އަގަކީ 1،170 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.
އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައިިިި އެލްޕީޖީ ސިލިންޑަރުގެ އަގު ބަދަލުކުރުމަކީ އަތްފޯރާފަށުގައި ހަކަތައާ ބެހޭ ޙައްލުތައް ބެހެއްޓުމަށް އަދި މުޖުތަމައަށް އެހީތެރިވުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ދަލީލެކެވެ.
މީގެއިތުރުން، ރާއްޖޭގައި އެލްޕީޖީ ފޯރުކޮށްދިނުމުގައި އެންމެ އިސް ސަޕްލަޔަރެއްގެ ހައިސިއްޔަތުން، ގޭބިސީތަކާއި، ވިޔަފާރިތަކާއި އަދި ސިނާޢަތްތަކަށް އަގުހެޔޮ އަދި ފަސޭހައިން ލިބެންހުރި ކައްކާ ގޭހުގެ މުހިންމުކަން އެނގޭކަން އެކުންފުނިން ފާހަގަކޮށް މޯލްޑިވް ގޭސްއިން ބުނީ އަގު ދަށްކުރުމާއެކު، އެކުންފުނީގެ މަޤްޞަދަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކޮށް، ފެންވަރު ރަނގަޅު އަދި އިތުބާރުހުރި ހަކަތައިގެ ޙައްލުތައް ފޯރުކޮށްދިނުން ކަމަށެވެ.
ހަމައެއާއިއެކު، އެކުންފުނިން ރައްކާތެރިކަމާއިއެކު ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދޭނެކަމަށާއި މެދުނުކެނޑި ގޭސް ސަޕްލައިކޮށްދިނުމުގައި ދެމިހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
”އަޅުގަނޑުމެންގެ ކަސްޓަމަރުން ކުރައްވާ އިތުބާރާއި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި ކުރިމަގުގައިވެސް އެންމެ ފުރިހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން“ މޯލްޑިވް ގޭސްއިން ބުނެފައިވެއެވެ.



