އަލަށް ޗާޕުކޮށްފައިވާ 100 ރުފިޔާގެ ނޫޓު އަންނަ އާދީއްތަ ދުވަހު، ދައުރުވާން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި އައު ނޫޓަކީ ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާއެކު ނެރެފައިވާ ނޫޓެކެވެ.
މި އައު ނޫޓުގެ ޚާއްޞަ ކަމެއްގެ ގޮތުގައި، ދިވެހި ރުފިޔާގެ ނިޝާން ނޫޓުގެ ދެފުށުގައި ހިމެނުމުގެ އިތުރުން މިއީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ތަޢާރަފުކުރެވުނު ރުފިޔާގެ ނިޝާން ހިމަނައިގެން ނެރޭ ފުރަތަމަ ނޫޓެވެ.
މިހާރު ބޭނުންކުރަމުންދާ ”ރަންދިހަ ފަހެއް“ ޕޮލިމާ ނޫޓު ސީރީޒް ތަޢާރަފުކުރެވުނީ 2016 ވަނަ އަހަރުގައެވެ. އެ ވަގުތު އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުގައި ހުންނެވީ މަރިޔަމް އަމީޒާއެވެ.



