ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ސަރަހައްދެއް ކަމުގައިވާ ހީނާމާގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް އެޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަބަދުވެސް ފާޅުކުރަމުންދާ މި ސަރަހައްދަށް އަމާޒުކޮށް، ޓާސްކް ފޯސްއިން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގެ ތެރެއިން ހީނާމާގެ ސަރަހައްދުގައި އެއްވެ އުޅޭ ބިދޭސީންނާއި، އެ ސަރަހައްދުގައި ބިދޭސީން އިސްކޮށް ހިންގަމުންދާ ވިޔަފާރިތަކާއި ކެފޭތައް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ބަލައި ފާސްކުރުމުގެ ތެރެއިން، ޞައްޙަ ވިސާއެއް ނެތި ޤާނޫނާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 17 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެއޮތޯރިޓީން މައުލޫމާތުދެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރެވިފައިވާއިރު މީގެ ތެރެއިން 5،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.



