ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވި 19 ކުންފުންޏެއް ޖޫރިމަނާ ކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އެ މިނިސްޓްރީން ހަދާފައިވާ ވަޓްސްއެޕް ގްރޫޕެއްގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޢުމްރާއަށް ރާއްޖެއިން މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވި 19 ކުންފުންޏެއް 5،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއްކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
މީގެއިތުރުން ޢުމްރާއަށް މީހުން ގެންދިޔުމަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސް ދައްކައިގެން އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީވެ އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީކުރަން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭތީ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުސޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޝަހީމުގެ މެސެޖުގައި ވަނީ ދީފަ އެވެ.



