މި ސަރުކާރުގެ މަޤްސަދަކީ ބިންވެރިޔާ ސްކީމް ލިސްޓުގައި ހިމެނިފައިވާ ވީހާވެސް ގިނަ ފަރާތްތަކަށް ފްލެޓު ލިބިގެންދިޔުން ކަމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މި ސަރުކާރުގެ މަޤްސަދަކީ ބިންވެރިޔާ ސްކީމް ލިސްޓުގައި ހިމެނިފައިވާ ވީހާވެސް ގިނަ ފަރާތްތަކަށް ފްލެޓު ލިބިގެންދިޔުން ކަމުގައެވެ. އެހެންނަމަވެސް ލިސްޓުގައި މައްސަލަ ހުރިކަމަށާއި އެކަންކަން އިސްލާހު ކުރުމަށް އެކި އިދާރާތަކުން އަންގާފައިވާތީ އެ ލިސްޓު ވެރިފައީ ކުރުމަކީ އެ މިނިސްޓްރީއަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
”މިއީ ފޯމު ލީ ފަރާތްތަކުގެ ރީ އިވޭލުއޭޝަނެއް ނޫން. އަޅުގަނޑުމެން ފޯމު ރީ އިވޭލުއޭޓެއް ނުކުރާނަން. މިއީ ފްލެޓު ލިބޭނެ ކަމަށް 15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރި ލިސްޓުގައިވާ 4000 ފަރާތްތައް ވެރިފައީ ކުރުމަށް ކުރެވޭ މަސައްކަތެއް“ މިނިސްޓަރ މުއްތޮލިބު ވިދާޅުވިއެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އުންމީދަކީ ރަމަޟާން މަސް އައުމުގެ ކުރިން ފޯމުތަކުގެ އެ ވެރިފިކޭޝަން މަސައްކަތް ނިންމާ، ގެޒެޓު ކުރުން ކަމަށެވެ. އަދި ލިސްޓު ގެޒެޓު ކުރެވޭނީ ކޮންމެ މީހަކަށް ވެސް ޕޮއިންޓު ލިބުނު ގޮތާއި ހޮވުނު ގޮތް ނުވަތަ ނުހޮވޭ ގޮތް ވެސް އެނގޭ ގޮތަށް ތަފްސީލާއެކު ކަމަށެވެ.




