ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުން 19.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ތަކެތި ރިކަވަރކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިންގ، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ބަހާތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި އަހަރު ޖުމްލަ 1653 އައިޓަމް ވަނީ ރިކަވަރކޮށްފައެވެ. މި ތަކެތީގެ ޖުމްލަ އަގު 19.2 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިކަވަރކޮށްފައިވާ ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު، 253 މޮޓޯ ސައިކަލް، 107 އިލެކްޓްރޯނިކްސް އައިޓަމް އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން 374 މައްސަލައެއްގައި ހިމެނޭ 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ނަގުދު ފައިސާވެސް ރިކަވަރކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ޖުމްލަ 5242 އިންސިޑެންޓް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ވައްކަމުގެ 2،290 އިންސިޑެންޓް، އެކްސިޑެންޓުގެ 2،025 އިންސިޑެންޓު، ފޭރުމުގެ 414 އިންސިޑެންޓު، މަސްތުވާތަކެތީގެ 236 އިންސިޑެންޓު އަދި މާރާމާރީގެ 358 އިންސިޑެންޓް ހިމެނެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުން ޖުމްލަ 9،154 އިންސެންޓު ތަހުގީގުކޮށްފައިވެއެވެ. މީގެ ތެރެއިން ކޭސްކޮށްގެން 7،157 މައްސަލައެއް ތަހުގީގުކޮށް، 6،645 މައްސަލައެއް ފައިލްކޮށް، 64 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި އިންސިޑެންޓުތަކުގައި ޖުމްލަ 1000 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭގެ ތެރޭއިން 805 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުގެ ނެއިބަރހުޑް ޕޮލިސިންގގެ މަސައްކަތްތަކުގެ ތެރެއިން 681 ހައުސް ވިޒިޓް ޕްރޮގްރާމް، 1،101 ވިޔަފާރިތަކަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމް، 3،221 ޕަބްލިކް އިންޓަރެކްޝަން އަދި ކުށްމަދު ކުރުމުގެ 97 ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެއިތުރުން ވެސް، 907 ކަންބޮޑުވުމާއި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، ވެމްކޯއާ ގުޅިގެން 241 ކުނީގެ މައްސަލައާއި، ސިޓީ ކައުންސިލާ ގުޅިގެން 153 މުނިސިޕަލް މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި 142 ޓްރެފިކް މައްސަލަވެސް ހައްލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފާއިތުވި އަހަރު އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ ތެރޭގައި ބެލެނިވެރިންނަށް 10 ޕްރޮގްރާމް، ދަރިވަރުންނާއި ޓްރެފިކް މޮނީޓަރުންނަށް 53 ޕްރޮގްރާމް، ކުންފުނިތަކާއި ސަރުކާރު އޮފީސްތަކަށް 34 ޕްރޮގްރާމް، ފުލުހުންނަށް 17 ޕްރޮގްރާމް އަދި ޓެކްސީ ޑްރައިވަރުންނަށް 8 ޕްރޮގްރާމް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ 35 ހަވީރެއްގައި ބައިވެރިވެ، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް 17 ޕްރޮގްރާމެއްގައި މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ޕްރޮގްރާމްތަކުން ޖުމްލަ 36،104 މީހުންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



