ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން އަޒަރުބައިޖާނާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވުނީ އަޒަރުބައިޖާނުގެ އިސް ވަފުދެއް ރާއްޖެއަށް ކުރަމުންދާ ދަތުރުފުޅެއްގެ ތެރެއިން، ޚާރިޖީ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ އެކި ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އަޒަރުބައިޖާނުގެ ވަފުދަށް ފޯރުކޮށްދިނުމަށް ޚާއްޞަ ފޯރަމެއް ބޭއްވުނެވެ. މި ފޯރަމްގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅިއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރެޒެންޓޭޝަންތަކުގައި އިއާދަކުރަނިވި ހަކަތަ، ތިމާވެށި، ގެދޮރާއި ޢިމާރާތް އެޅުން، ރިއަލް އެސްޓޭޓް، ދަތުރުފަތުރު، މަދަނީ އުދުހުންތައް، ފަތުރުވެރިކަން އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް އަލިއަޅުވާލެވުނެވެ.
މި ފޯރަމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ޖުމްލަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވި ކަމެއްކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދިޔަކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
އަޒަރުބައިޖާނުގެ ވަފުދުގައި އެ ޤައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލްނޫރު މަމަދޮވްގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި، އަދި ޕްރައިވެޓް ސެކްޓަރގެ މަންދޫބުން ހިމެނިވަޑައިގަންނަވާއިރު މި ވަފުދުގެ ދަތުރުފުޅު ނިމުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.




