ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން، އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފިއެވެ.
މި ބަދަލާ އެކު، ކުންފުނިތަކުގެ ނަމުގައި ސައިކަލް ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި، ސައިކަލު ރަޖިސްޓާރ ކޮށްފައި އޮންނަން ޖެހޭނީ ގަންނަ ފަރާތުގެ ނަންމަތީގައެވެ. އަދި ”ސީ“ ބޯޑުގެ ބަދަލުގައި ސައިކަލު ދޫކުރެވޭނީ ”ޕީ“ ބޯޑުގައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ޝީޝާ އިން މަޢުލޫމާތުދީފައިވާ ގޮތުގައި، މި ބަދަލާ ގުޅިގެން އެ ކުންފުނީގެ ވިޔަފާރި ވަނީ 50 އިންސައްތަ ދަށަށް ގޮސްފައެވެ. ކުރިން އެވްރެޖްކޮށް މަހަކު 20 ސައިކަލް އިންސްޓޯލްމެންޓަށް ވިއްކަމުން ދިޔަ ނަމަވެސް، މިހާރު އެ ވިޔަފާރި ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ހަމައެހެންމެ، އެކްސްޕާޓް މޮޓޯގެ މެނޭޖަރު އަޙްމަދު އަބޫބަކުރު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ވެސް ވަނީ އިންސްޓޯލްމެންޓަށް ސައިކަލް ވިއްކުން ހުއްޓާލާފައެވެ. މި ކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ވެސް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައިކަލް ވިއްކާ ކުންފުނިތަކުން ފާހަގަކުރާ ގޮތުގައި، މި ބަދަލުގެ ސަބަބުން ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ސައިކަލް އަނބުރާ ނެގުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އަދި މިހާރުވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ކޯޓު މަރުޙަލާގައި ދަތިތަކެއް ހުރިއިރު، މި ބަދަލާ އެކު ކުންފުނިތަކަށް މާލީ ގެއްލުމުގެ ފުރުޞަތު އިތުރަށް ބޮޑުވެގެންދާނެ ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ވިޔަފާރިތަކުން މިހާރު ވަނީ މި މައްސަލައާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރުމަށް އެދިފައެވެ. އަދި އިންސްޓޯލްމެންޓަށް ސައިކަލް ނުވިއްކޭ ނަމަ، އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.




