ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ފާހަގަކޮށް، އެކަން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މިއަދު ގޮވާލައްވައިފިއެވެ.
ގޮތް ނޭނގޭ މަރުތައް އިތުރުވަމުންދާތީ ކަންބޮޑުވެ، ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއަށް ސިޓީއެއް ފޮނުއްވާފައިވާކަން ހާމަކުރައްވާ މެންބަރު ކުޑޫ ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން ގޮތް ނޭނގޭ ގޮތަށް މަރުވެފައިވާ ކަމަށެވެ.
މެންބަރު ކުޑޫ ވިދާޅުވީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ހަމަޖައްސައި، އާންމުންނަށް ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް އޮޅުންފިލުވައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި މިކަން ކުރުމުން، ރާއްޖެއިން ބޭރަށް ޕޯސްޓްމޯޓަމް ހެދުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ބޮޑުތަން ކުޑަކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ގޮތް ނޭނގޭ މަރުތަކުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އިޚްތިޔާރު އެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ކަމަށް މެންބަރު ކުޑޫ ވިދާޅުވިއެވެ.
މެންބަރު ކުޑޫ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުލުހުން ވަނީ ”މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތަކުގެ ގަވައިދު“ އެކުލަވާލައި ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި ހެލްތު މިނިސްޓްރީން ވެސް ވަނީ ”ނޭޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސް އިން މޯލްޑިވްސް“ އާންމުކޮށްފައެވެ.
ސިއްހީ ޚިދުމަތުގެ ގާނޫނުގައި ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓްމޯޓަމްއާއި އެފަދަ ތަހުލީލުތައް ކުރާނެ ސިއްހީ ހިދުމަތް ދޭނެ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް މެންބަރު ކުޑޫ ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް މެންބަރު ކުޑޫ ދެކެވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން މިކަން އަވަސް ކުރުމަށް އޭނާ ގޮވާލައްވާފައިވެއެވެ.



