ރާއްޖެއާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު ޕޮލިޓިކަލް މަޝްވަރާތައް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދާއިމީ މިޝަންތަކާއި އެކި ޤައުމުތަކުގައި ޤާއިމުކުރެވިފައިވާ އެމްބަސީތައް ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމަށް މުހިންމު މައްސަލަތަކުގައި މަޝްވަރާކުރުމަށް ޖޮއިންޓް ވަރކިންގ ގްރޫޕްތައް އުފެއްދުމަށްވެސް މި އެއްބަސްވުމުން ފުރުޞަތު ލިބިގެންދާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ސޮ އިކުރެއްވާފައިވާއިރު، މިއެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.



