ހުޅުމާލޭގައި ހުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ، އޭގެން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގަތުމުން ސްޓެލްކޯ މުވައްޒަފަކަށް ހަމަލާދީފިއެވެ.
މި މަޢުލޫމާތު ހާމަކުރައްވާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަތުލައިގަނެފައި ވަނީ އެކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި މިހާދިސާ ހިނގުމުން އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހައި އެމީހާ އެތަނުގައި މާރާމާރީ ހިންގާފައިވާ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ޓްރާންސްފޯމަރަށް ގެއްލުން ދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ މިހާރު ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ހުސްވި ހަފްތާ ހޮނިހިރު ދުވަހު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ހައި ވޯލްޓޭޖް ދެ ޓްރާންސްފޯމަރަކަށް ބަޔަކު ވަނީ ގެއްލުންދީ ހަލާކުކޮށްލާފައެވެ. މީގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތަށް ބޮޑެތި ހުރަސްތަކެއް ވެސް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމައްސަލަ އާއި ގުޅިގެން ފަހުމީ ވިދާޅުވި ގޮތުގައި، ޓްރާންސްފޯމަރުތަކަށް ފަސޭހައިން ނުވަދެވޭގޮތަށް ރައްކާތެރިކަމުގެ ފާރުތައް ރާނައި، ތަޅުތައް އަޅުވާފައިވީނަމަވެސް އެތަނަށް ގެއްލުންދީފައިވާ ވަގުންވަނީ ގޭޓު ހަލާކު ކޮށްލައި ސިސްޓަމްތަކަށް ގެއްލުން ދީފައި ކަމަށެވެ. އަދި ބެލިބެލުމުން މިކަން ކޮށްފައިވަނީ ޓްރާންސްފޯމަރުތައް މަސައްކަތްކުރާ ގޮތް ރަނގަޅަށް އެނގޭ ބައެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.



