މާޝަލް ލޯ ހިންގަން އުޅުނުކަމުގެ މައްސަލައިގައި ދެކުނު ކޮރިއާގެ ރައީސް ޔޫން ސުކް-ޔޯލް ހައްޔަރު ކޮށްފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ރައީސް ޔޫން ހައްޔަރު ކޮށްފައިމިވަނީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ނެރުނު އަމުރަށް ތަބާވެފައި ނުވާތީ އެވެ.
އެގޮތުން ރައީސް ޔޫން ހައްޔަރުކުރަން ފުރަތަމަ ކުރި މަސައްކަތް ނާމިޔާބުވުމުން، އެ ޤައުމުގެ ފުލުހުންނާއި އިންވެސްޓިގޭޓަރުން އައު އެރެސްޓް ވޯރަންޓަކާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ހައްޔަރު ކުރުމުގެ ކުރިން ރައީސް ޔޫން ދީފައިވާ ވީޑިއޯ މެސެޖެއްވަނީ އޭނާ ހައްޔަރު ކުރުމަށްފަހު ހާމަކޮށްފައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ އޭނާ ހިންގަން އުޅުނު މޯޝަލް ލޯ ނާކާމިޔާބުވެ ޤައުމުގައި ލޭ އޮހޮރުވުމަކަށް ދިޔަ މައްސަލައިގައި، ތަހުގީގަށް ހާޒިރުވާން އަމިއްލައަށް ނިންމެވި ކަމަށެވެ.
އެ މެސެޖުގައި ރައީސް ޔޫން ވިދާޅުވެފައިވަނީ، އޭނާއާމެދު ކޮށްފައިވާ ތުހުމަތުތަކަށް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށާއި އެހެންނަމަވެސް ލޭ އޮހޮރުވުންތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ތަހުގީގަށް ހާޒިރުވާން ނިންމެވީ ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ދެކުނު ކޮރިއާގެ ރައީސް ހައްޔަރުކުރަން އިންވެސްޓިގޭޓަރުން ރައީސްގެ ގަނޑުވަރުކޮޅަށް ދިޔުމުން، ރައީސްގެ ސެކިއުރިޓީން ވަނީ އެމީހުން ވަނުން ހުއްޓުވާފައެވެ. އެހެންކަމުން އެމީހުން ރައީސް ޔޫން ހައްޔަރުކުރީ ހަރުގަނޑުތަކެއް ބޭނުން ކޮށްގެން ސިއްރިއްޔާތުގައި އެ ގަނޑުވަރުކޮޅަށް ވަދެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.



