ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވައުދުފުޅާ އެއްގޮތަށް ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން އާންމު ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އަދާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ރޭގައި ބުނެފިއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކަގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ ވާރުތަވަމުން އައި ބޮޑެތި ދަރަނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ދަރަނި ރަމަޟާން މަހުގެ ކުރިން އަދާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އެމްޑީ ނަޖާހް ވިދާޅުވީ ރައީސް މުޢިއްޒުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، މި ފެށޭފ ރަމަޟާން މަހުގެ ކުރިން، ޚާއްސަކޮށް ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީއާ ގުޅިގެން ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ގދ. ހޯނޑެއްދޫއަށް ވަޑައިގެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ދޭނެކަމަށް ބުނެ ކުރީގެ ސަރުކާރުން ކުރުވާފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 500 މިލިއަން ރުފިޔާ މި ހަފުތާގެ ތެރޭގައި ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި ފައިސާ ނުދީ ހުރި ކުންފުނިތަކަށް ދޭން ޖެހޭ ރަމަޟާން މަސް އައުމުގެ ކުރިން ފައިސާ ދިނުމަށް، މި ހިނގާ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފެނަކަގެ އެމްޑީ ނަޖާހު އިތުރަށް ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ދަރަނީގެ އިތުރުން ދެންހުރި ދަރަނިތައް ދެއްކުމާ ގުޅޭގޮތުން ވެސް ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްދައިވާނެ ކަމަށާއި އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށްގެން ލިބޭ ފައިދާއިން ދެން ހުރި ދަރަނިތައް ދެއްކުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
”އަސާސީ ޚިދުމަތެއް ދޭއިރު، ބޮޑު ފައިދާއެއް ކުންފުންޏަކުން ނުނަގާނެ. އަޅުގަނޑުމެން މި ބަލަނީ މި ކުންފުނި ރަނގަޅަށް ހިންގައިފިއްޔާ، ހަރަދުކޮށްކޮށް އޮންނަ އުސޫލުތަކާއި ޓްރާންސްޕޭރަންސީ ނިޒާމުގެ ތެރެއިން ބެސްޓު ޕްރެކްޓިސް އާ އެކީގައި ހިންގައިފިއްޔާ، ދެންހުރި ދަރަނިތައްވެސް ސަރުކާރަށް މާބޮޑު ބުރައަކަށް ނުވެ، އަޅުގަނޑުމެންނަށް ދެއްކޭނޭ ކަމަށް،“ އެމްޑީ ނަޖާހް ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓާ މުޙައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ އެ ކުންފުންޏަށް އެކިފަަރާތްތަކުން ލިބެން ޖެހޭ ފައިދާ ހޯދުމަށް ކުރެވުނު މަސައްކަތުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ މިންވަރެއް ހޯދިފައިވާ ކަމަށާއި އަދި ޑީސަލް ގަތުމުގައި ކުރިން އަމަލުކުރަމުން އައި އުސޫލު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ޑީސަލަށް ކުރާ ހޭދައިން 10 އިންސައްތަ މިހާރު ސަލާމަތް ކުރެވޭ ކަމަށެވެ. އަދި ބާޒާރުން މުދާ ހޯދުމުގައި ސަޕްލަޔަރުންނާއި ވާހަކަދައްކައިގެން، އެކަށީގެންވާ އަގުގައި މުދާ ހޯދުމަށް އިސްކަންދީފައިވާކަމަށް ވެސް ރުކުމާ ވިދާޅުވިއެވެ.



