ވިނަރެސް ފްލެޓު ސަރަހައްދުގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓް ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީ ޓީމުން ކުރަމުންދާ ކަމަށެވެ.
ހުޅުމާލާ ތަރައްޤީކޮށް އެތަނަކީ އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިމަހުގެ 12 ވަނަ ދުވަހު އެ ކޯޕަރޭޝަނުންވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްގައިމު މާހައުލެެއް ގާއިމުކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ފެރީ ޓަރމިނަލާއި ސެންޓްރަލް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދުގައި އާންމުންނަށް އިށީނދެވޭނެހެން ބެންޗް ޖެހުމަށް އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ އިތުރުން އެތަނުގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި އެޗްޑީސީން ވަނީ މިމަހުގެ 6ވަނަ ދުވަހު ބޯގަންވިލާ މަގުގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
މީގެއިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓް ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ހަމައެދުވަހު އެޗްޑީސީން ވަނީ ފަށާފައެވެ.




