ރިޔާސީ ބަޔާން އިއްވަވާތީ ފެބްރުއަރީ މަހުގެ 6ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ދާދި ދެންމައަކު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމުގައިވާ 6 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމުގައި މިދިޔަ އަހަރު ވަނީ ނިންމަވާފައެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ވިދާޅުވީ އެ އިދާރާއިން އެއިރު ނެރުއްވި ދެންނެވުން ބާތިލު ކުރައްވަވާފައިވާ ކަމަށެވެ.




