ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ސަރުކާރުން ބޭން ކުރަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ ޓިކްޓޮކްއާއި ޓްވިޓާ ސަރުކާރުން ބޭން ކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ޓިކްޓޮކާއި ޓްވިޓާ ރާއްޖޭގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އަޅާ ހުރަސްތަކެއް ކަމުގައެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.
“ އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފަ ވެސް ނުވޭ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން“ ހީނާ ވިދާޅުވެފައިވެއެވެ.
ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވަވާފައިވާ ޢަބްދުﷲ ޝާހިދުގެ އެވާހަކަފުޅު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވެސް ވަނީ އިއްޔެ ދޮގުކުރައްވާފައެވެ. އެގޮތުން މިނިސްޓަރ އިހުސާން ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރަމުންދާ ޓިކްޓޮކްއާއި ޓްވިޓާ ރާއްޖޭގައި ބޭނުން ނުކުރެވޭ ގޮތަށް ބޭން ކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދަނީ ”ބުހުތާން ދޮގު ވާހަކަތަކެއް“ ކަމުގައެވެ.



