ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
މި ޚިދުމަތް ފެށުމާއެކު، ފުރަތަމަ އިސްކަން ދެވޭނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން ”ފަސްޓް ޑިގްރީ ޑޯނަރ“އެއް ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި ތިބި ފަރާތްތަކަށް ކަމަށް އާސަންދައިން ބުނެފައިވެއެވެ. މީގެ އިތުރުން، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި ތިބި ފަރާތްތަކަށްވެސް މި ޚިދުމަތް ލިބޭނެ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ.
އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތަށް އެދި ހުށަހެޅޭނީ އާސަންދަ މޯބައިލް އެޕް، މައި އާސަންދަ ޕޯޓަލް، ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތައް އަދި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރު މެދުވެރިކޮށެވެ.




