ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައެވެ.
މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެފައިވެއެވެ. އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށްފަހު ވަނީ ފިލާފައެވެ. ނަމަވެސް، ފުލުހުންގެ މަސައްކަތުން އިއްޔެގެ ވަގުތެއްގައި އެ މީހާ ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (27 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.



