ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށްޓަކައި 18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި، އެ ޕާޓީއަށް ވައްދަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ކުރައްވާ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތައް މިނިސްޓަރު ދޮގުކުރައްވައިފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެފައިވާ ގޮތުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން 18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި، މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުން އެ ޒުވާނުންގެ ނަމުގައި ފޯމުތައް ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ވަނީ ތައްޔާރުކޮށްފައެވެ.
މި ތުހުމަތަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ކަމެއް އެއްވެސް އިރެއްގައި ވިސްނިވަޑައިގެންފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެމްޑީޕީން މިފަދަ ދޮގު ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެ ޕާޓީގެ ސިޔާސަތުތަކުގެ ވާހަކަ ދެއްކުމަށް ވަގުތު ހޭދަކުރުން ރަނގަޅުވާނެ ކަމަށެވެ.
މަނިކުފާނުގެ ސަރުކާރުގަ މިކަން ކުރައްވަން
މަނިކުފާނު ވިސްނެވީތޯ؟ ހަމަޔަގީނުންވެސް އަޅުގަނޑު މިހާތަނަށް ޚިޔާލަށްވެސް ނުގެންނަކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ތިބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގުވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެމީހަކަށް ނުލިބިވެސްދާނެ. މީހުންގެ ބޮލުގަ… https://t.co/9wv1ypU8gH— Minister of Homeland Security & Technology (@min_mohst) January 14, 2025
މި މައްސަލައާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމް ވަނީ މިނިސްޓަރާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ނޭނގި ޕާޓއަށް ވައްދާ މައްސަލަ ފެންމަތިވެފައިވާއިރު، މިކަމާއި ގުޅޭ ގޮތުން ޕީއެންސީން ވަނީ އެކަން ތަޙްޤީޤުކުރުމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.




