ދަރިންނަށް ޚަރަދު ނުދޭ ފަރާތްތަކުގެ ވަނަވަރު މެޖިސްޓްރޭޓް ކޯޓުތަކުން ހާމަކުރަން ފަށައިފިއެވެ.
މި މަޢުލޫމާތު ހާމަކުރަން ފަށާފައިވާ ކޯޓުތަކުގެ ތެރޭގައި ކުޅުދުއްފުށީ އަދި ހިންނަވަރު މެޖިސްޓްރޭޓް ކޯޓު ހިމެނެއެވެ.
އެހެންނަމަވެސް، މާލޭގައި ހުންނަ ފެމިލީ ކޯޓުން މި ބާވަތުގެ މަޢުލޫމާތު އަދި ހާމަކުރަން ފަށާފައެއް ނުވެއެވެ. ކޯޓުތަކުން ކުރާ ޙުކުމާ އެއްގޮތަށް ދަރިންނަށް ޚަރަދު ނުދޭ ފަރާތްތަކަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކެއްގެ ގޮތުގައި ކޯޓުތަކުން ދެކެއެވެ. އަދި ޢާއިލާއާ ބެހޭ ގަވާއިދުގެ ދަށުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކޮށް އިޢުލާންކުރުމުގެ ހުއްދަ ކޯޓުތަކަށް ލިބިގެންވެއެވެ.
ދަރިންނަށް ޚަރަދު ނަގައިދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އެންމެ ދަރިއަކަށް މަހަކު 2,000 ރުފިޔާ ދޭންޖެހެއެވެ. އަދި އެއް ދަރިއަށްވުރެ ގިނަ ދަރިން ތިބިނަމަ، ކޮންމެ ދަރިއަކަށް މަހަކު 1,000 ރުފިޔާގެ މަގުން ޚަރަދު ދޭންޖެހެއެވެ.



